Wednesday, June 6, 2012

ސިކްލްސެލް ބަލި ސިކްލްއަކީ ދަނޑުވެރިން ވިނަކޮށަން ގެންގުޅޭ މިޔަ ވައްކޮށް އޮންނަ ކަންފައްޗެވެ. ސިކްލްސެލްއެނީމިޔާގައި މައިކްރޮސްކޯޕެއްގެދަށުން މިވައްތަރު ސެލް ފެންނާނީ ކަންފައްޗެއްހެންނެވެ. މިއީ ވާރުތަކުރާ ބައްޔެކެވެ. ގައިންގަޔަށްއަރާ ބައްޔެއްނޫނެވެ. ކެވޭ އެއްޗަކުން، ނޫނީ ބޭހަކުން، އަދި ކިޔެއްތަ ޖަރާސީމަކުން މިބައްޔެއް ނުޖެހޭނެއެވެ. ސިކްލްސެލް ބަލީގެތެރޭގައި ސިކްލްސެލް އެނީމިޔާ، ބީޓާޒީރޯސިކްލް، ބީޓާޕްލަސްސިކްލް އަދި ޑީ ސިކްލްގެއިތުރަށްވެސް އެކިވައްތަރުތައް ހުރެއެވެ. ރާއްޖޭގައި ގިނައީ ބީޓާޕްލަސްސިކްލް އެވެ. ލެޔަކީ ދިޔާ މާއްދާއެއްތެރޭ ހިމެނޭ ތިންވައްތަރެއްގެ ސެލް ހިމެނޭގޮތަށް ލޭނާރުތެރޭގައި ދައުރުވާ އެއްޗެކެވެ. މި ސެލްތަކުގެތެރޭގައި ހެމަގޮލޮބިން (އެޗް.ބީ) އެކުލެވޭ ރަތްސެލްތަކާއި ދިފާއީ ނިޒާމުގެ ހުދުސެލްތަކާއި، ލޭ ގަނޑުކޮށްދޭ ޕްލެޓެލެޓް ހިމެނެއެވެ. ރަތްސެލްތަކަކީ ފުއްޕާމޭން އޮކްސިޖަން ބަރުކޮށްގެން އެކިއެކި ގުނަވަންތަކަށް އޮކްސިޖަން އުފުލާ އުޅަދެވެ. މި އުޅަދުގައި އޮކްސިޖަން އަޅާފައި ހުންނަނީ އެޗް.ބީ ކިޔާފޮއްޓަކަށެވެ. އެޗް.ބީގައި 4 ފައި ހުރެއެވެ. އެއީ 2 އަލްފާއާއި 2 ބީޓާ ފަޔެވެ. މި ފައިތަކުގެ ޢަދަދާއި އެފައިތައް އުފެދިފައިހުންނަ ބައިތައް ތަފާތުވެއްޖެނަމަ އޮކްސިޖަންއުފުލުމަށް ބުރޫއަރާ ރަތްސެލްތައް އަވަހަށް ހަލާކުވެ ލޭމަދުވެއެވެ. އެޗް.ބީގެ ފައިތައް އުފެދެނީ ދަރިމައިވާއިރު މަންމައާއި ބައްޕަގެފަރާތުން ވާރުތަވާގޮތަކުންނެވެ. ސިކްލްސެލް ބަލީގައި މައްސަލަހުންނާނީ ބީޓާފައިގައެވެ. އެޗް.ބީގެ ޢާއްމު އުސޫލުކަމުގައިވާ 2 އަލްފާއާއި 2 ބީޓާގެ ހަމަތަކުން ބޭރުވެއްޖެނަމަ ރަތްސެލްތަކުގެތެރޭގައި އެޗް.ބީ ގަނޑުވާގޮތްވެއެވެ. އަދި ރަތްސެލްތައް ހަށިގަނޑުގެ އެތަންމިތާހުންނަ ކުދިކުދި ލޭނާރުތަކުގައި ތާށިވެ ރަތްސެލްތައް ފަޅައިގެންގޮސް ލޭނާރުތައް ބެދެއެވެ. މީގެ ސަބަބުން އެހިސާބަކަށް ލޭދައުރުވުން ބަންދުވެ އެތެރޭގެ ގުނަވަންތައް ހަލާކުވެއެވެ. ރާއްޖެއިން ފެންނަ ސިކްލްސެލް ބަލީގެ ވައްތަރުތަކަށް ތިރީގައި އަލި އަަޅުވާލާނަމެވެ. 1. ސިކްލްސެލް އެނީމިޔާ ދެ ބީޓާފައިކަށީގައި ސިކުލްބަލި ހުރެއްޖެނަމަ ސިކްލްސެލް އެނީމިޔާއަށްވެދެއެވެ. މިޢީ ސިކްލްގެ އެންމެ ނުރައްކާތެރި ވައްތަރެވެ. މި ވައްތަރުގައި ތުއްތުއިރު ލޭ އަޅަންޖެހެއެވެ. ހުންކޮށީގެ މަސައްކަތް ހުއްޓި ދިފާޢީ ނިޒާމު ރޫޅެއެވެ. ބޮލުގަޔާއި ހަށިގަނޑުގެ އެތައްމިތާގައި ރިއްސައެވެ. ވާގިނެތޭގޮތްވެ، ނޭވާ ހާސްވެ ކިޑްނީ ފޭލްވެއެވެ. އާއްމުގޮތެއްގައި މިވައްތަރުގައި މީހާގެ އުމުރަކީ 50 އަހަރެވެ. 2. ސިކްލް ބީޓާޕްލަސް ތެލަސީމިޔާ މިވައްތަރުގައި ބައެއް އެޗް.ބީ ރަގަޅަށް ހުރެފައި އަނެއްބާގައި ބީޓާ ތެލަސީމިޔާއާއި ސިކްލް ހުރެއެވެ. މިހެންވުމުން ހުންކޮށި ދުޅަވުމާ ދިފާޢީ ނިޡާމު ހަލާކުވަނީ ޢުމުރުން ތަންކޯޅެއް ދުވަސްވުމުންނެވެ. 3. ސިކްލް ބީޓާޒީރޯ ތެލަސީމިޔާ މި ވައްތަރުގައި ހުރިހައި އެޗް.ބީއެއް ހުންނަނީ އައިބު ކޮންނެވެ. މި ވައްތަރު ގާތްގަޑަކަށް ސިކްލްސެލް އެނީމިޔާހާ ނުރައްކަލެވެ. ޢަލާމަތްތައްވެސް ހުންނަނީ ދާދި އެއްގޮތަކަށެވެ. ކަށްޓަށާއި ލޮލަށް ދިމާވާ އުދަގޫތައް މިވައްތަރުގައި މާބޮޑެވެ. ޓެސްޓް ކުރާނީ ކިހިނެއް؟ މިބަލިތަކަށް ޓެސްޓްކުރުމުގެ އެންމެ ޒަމާނީ ވަސީލަތްތައް ސޮސައިޓީ ފޯރ ހެލްތް އެޑިޔުކޭޝަން(ޝީ) އިން ލިބެންހުރެއެވެ. އިތުރު މައުލޫމާތު ޝީއިން ލިބިވަޑައިގަންނަވާނެއްވެ. ޓެސްޓު ކުރުން ރަގަޅީ ލޭއެޅުމުގެ ކުރިންނެވެ. ލޭ އެޅުމަށްފަހު ދެ ތިންމަސް މަޑުކޮށްލުން ބުއްދިވެރިޔެވެ. ޓެސްޓް ކުރުމަށްފަހު ޑޮކްޓަރަށް ނަތީޖާ ދައްކަންވާނެއެވެ. މި ބަލީގެ ކުއްޖެއްނަމަ ނެޝަނަލް ތެލަސީމިއާ ސެންޓަރުގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ބަލީގައި ދިމާވެދާނެ އުދަގޫތަކުން ދުރުވުމަށްޓަކާ ކުރެވިދާނެ ކަންތައްތަކުގެތެރޭގައި ފެން ރަގަޅަށް ބުއިން، މާބޮޑަށް ފިނި ނޫނީ ހޫނު ތަންތަނުން ދުރުވުން، ބަލިވުމުން ނޫނީ ހުން އައުމުން އަވަހަށް ޑޮކްޓަރަށް ދެއްކުން ހިމެނެއެވެ. ރާއްޖޭގައި ޖަހާ ހުރިހައި ވެކްސިނެއް ޖެހުމުގެ އިތުރުން ނިއުމޯކޯކަސްއާއި ހިމޮފލުއަސް އިންފުލުއެންޒާ-ބީ އާއި ފުލޫވެކްސިން ޖެހުމަކީ މުހިންމު ކަމެކެވެ.

No comments:

Post a Comment