Wednesday, December 19, 2012

ދުވަސް ނުފުރާ އުފަންވާ ކުދިންނާއި ނޭވާލުން

މަންމަގެ ބަނޑުގަ އޮންނައިރު ދަރިފުޅަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށްދިނުމާއި ދަރިފުޅު އުފައްދާ ކާބަންޑައި އޮކްސައިޑް ބޭރުކޮށްދެނީ ރަހިމްގެ ޒަރީޢާއިން މަންމައެވެ. ދުނިޔެއަށް އުފަންވުމަށްފަހު މި ބުރަ މަސައްކަތް ކުރަންޖެހެނީ ތުއްތު ދަރިފުޅު އަމިއްލައަށެވެ. ދުވަސް ނުފުރާ އުފަންވާ ކުއްޖަކަށް މިއީ ވަރަށް ބުރަ، އުދަނގޫ ކަމެކެވެ. މައިގަނޑު ދެ ސަބަބަކާއި ހުރެއެވެ. 1. ފުއްޕާމޭ ރަނގަޅަށް ނުއުފެދިފައި ހުރުމާއެކު ފުއްޕާމޭގެ މަސައްކަތަށް ބޭނުންވާ މައިގަނޑު އެއް މާއްދާ ކަމުގައިވާ ސަރފެކްޓެންޓް މަދުވުން. 2. އެހެނިހެން ބަލިތަކާއިއެކު ނޭވާލާން އުނދަގޫވުން ނޭވާލުމަށް އެހީވުމަށް ދެވޭ ފަރުވާ 1. ސަރފެކްޓެންޓް؛ މިއީ ނޭވާލާ ހޮޅިތެރެއިން ލާފައި ފުއްޕާމެއަށް ފޯރުކޮށްދޭ ބޭހެކެވެ. ހަތް ހާސް ރުފިޔާއަށްވުރެ އަގުބޮޑު މި ބޭހުގެ ބޭނުމަކީ ނޭވާލާއިރު ފުއްޕާމޭ ނުފިތި ބެހެއްޓުމާއި ނޭވައި ފަސޭހައިން ލުމަށް އެހީތެރިވުމެވެ. 2. ޕަންޕާއި މެޝިން ބޭނުންކޮށްގެން ނޭވައި ލެއްވުން؛ މިގޮތުން ބޭނުންކުރާ ޢާލާތްތަކުގެތެރޭގައި އެނބޫބޭގް، ނިއޯޕަފް، ވެންޓިލޭޓަރ އަދި ސީ.ޕެޕް ހިމެނެއެވެ. ވެންޓިލޭޓަރަކީ ނޭވާލައްވަން ބޭނުންކުރާ މެޝިނެކެވެ. އަނގަތެރެއިން ލައިފާ މައިނޭވާ ހޮޅިއަށް ލައްވާފައި އިންނަ ހޮޅިއަކުން ފުއްޕާމެއަށް އޮކްސިޖަން މި މެޝިނުން ފޮނުވައިދެއެވެ. ބައެއް ކުދިން ނޭވާލާން ވެންޓިލޭޓަރ ބޭނުން ނުވިއަސް ކޮންމެވެސް ވަރެއްގެ އެހީ ބޭނުންވެއެވެ. މި ކުދިންނަށް ނޭފަތުގެބޭރުން އަޅުވައިފާ ހުންނަ ކުޑަ މާސްކަކުންލައިފާ ސީޕެޕްގެ އެހީދެވެއެވެ. އަނބުރައި މެޝިނަށްލުން ބައެއްފަހަރު ވެންޓިލޭޓަރުން ދަރިފުޅު ނެގުމަށްފަހު އަލުން ލާންވެސް ޖެހިދާނެއެވެ. އެއީ ނޭވާލުން މުޅިން ފުރިހަމަ ނުވެގެންނާ ނޫނީ ބަލިވެގެންނެވެ. ނިއުމޯ ތޮރެކްސް މިއީ ފުއްޕާމޭގެ އެތެރޭގައި ހުންނަ ވައި ފުއްޕާމޭގެ ވަށައިގެން ހުންނަ ފަށަލައިގެ ތެރެއަށް ލީކުވުމެވެ. މީގެ ސަބަބުން ބައެއް ފަހަރު ފުއްޕާމޭ ފިތޭގޮތްވެއެވެ. މި ވައި ނެރުމަށްޓަކައި މިދެންނެވި ފަށަލައިގެ ތެރެއަށް ހޮޅިއެއް ލައްވަންޖެހެއެވެ. ބައެއް ކުދިން، ދިގު މުއްދަތަކަށް އޮކްސިޖަންއާއި އިތުރު ބޭސްތައް ބޭނުންވެއެވެ. ބައެއްފަހަރު ގެއަށް ދޫކޮށްލަނީވެސް ގޭގައި އޮކްސިޖަން ބޭނުންކުރާ ގޮތަށެވެ.

No comments:

Post a Comment